16/05/2026
ރައްކާތެރިކަމުގެ ތެރޭގައި ތިބެގެން ބޭރުން ލިޔާ ލިޔުންތަކަށް، ޔުނީފޯމް އަޅައިގެން ތިބޭ މީހުންގެ ހަގީގީ ހާލަތު ދެނެގަންނަން ނޭނގޭ ވަގުތުތައް އާދެއެވެ.
އެ ކަނޑުގެ ތެރެއަށް ފޭބި އެމް.އެން.ޑީ.އެފް (MNDF) ގެ ކޮންމެ ޑައިވަރަކަށްވެސް އޭގެ ނުރައްކާ އެނގެއެވެ. އެއީ ފަރުވާކުޑަ ބައެއް ނޫނެވެ. އެއީ އެހެން މީހުންނަށް ނުކުރެވޭނެ ވަގުތުތަކުގައި، އަމިއްލަ އިޚްތިޔާރުގައި އިޖާބަދޭ، ތަމްރީނުލިބިފައިވާ ފަންނީ، ސިފައިންނާއި ގައުމީ ބަތަލުންނެވެ.
ސިފައިންގެ ހުވާ އަކީ ފަސޭހަކަމުގެ ތެރޭގައި ކުރާ ހުވައެއް ނޫނެވެ. އެއީ މިޝަން ނުރައްކާތެރިވެ، ބިރުވެރިކަން ހަގީގަތަކަށް ވިޔަސް، އަމިއްލަ ނަފްސަށްވުރެ ވާޖިބު އިސްކުރުމަށް ވެވޭ އިގުރާރެކެވެ. ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކަކީ ސިފައިންގެ މީހަކަށް ކުރިމަތިލާންޖެހޭނެ އެންމެ އުނދަގޫ ވާޖިބުތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. އެހެންނަމަވެސް، އެމީހުން ކުރިއަށްދަނީ ކޮންމެވެސް މީހަކު އެކަން ކުރަންޖެހޭތީއެވެ.
މިއަދު، އެމް.އެން.ޑީ.އެފް ގެ ހިތްވަރުގަދަ ޑައިވަރަކު ވަނީ ގައުމީ ޚިދުމަތުގައި އެންމެ މަތިވެރި ގުރުބާނީ ދައްކާފައެވެ. އޭނާ ނިޔާވީ ނުރައްކަލެއްގެ ތެރެއަށް ވަންނަން މަޖުބޫރުވެގެންނެއް ނޫނެވެ. އޭނާ ނިޔާވީ އޭނާގެ މުޅި ދިރިއުޅުން އެކަމަކަށް ޚާއްސަކުރި މަސައްކަތް ކުރަން ހުއްޓައެވެ. ގިނަ ބަޔަކު ފަސްޖެހޭނެ ފަދަ ވަގުތުތަކުގައި އެހެން މީހުންނަށްޓަކައި ސާބިތުވެ ހުންނަނިކޮށެވެ. ބަތަލެއްގެ މާނައަކީ އެއީއެވެ.
ދުރުގައި ތިބެގެން ފާޑުކިޔާ މީހުން މިކަންވެސް ދަންނަންޖެހެއެވެ: އަމަލީ މައިދާނުގައި ހިންގާ އޮޕަރޭޝަންތަކަކީ ލޯމަރާލައިގެން ނުވަތަ ޖަޒުބާތުގައި ޖެހިގެން ހިންގާ ކަންކަމެއް ނޫނެވެ. ނުރައްކާތައް ދަނީ މެދުނުކެނޑި ވަޒަންކުރެވެމުންނެވެ. ނިންމުންތައް ނިންމަނީ އެ ވަގުތަކު ލިބެންހުރި މައުލޫމާތާއި، މާހިރުންގެ ލަފަޔާއި، ވަސީލަތްތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އެއްވެސް ކޮމާންޑަރަކު އެމީހެއްގެ ދަށުން މަސައްކަތްކުރާ މީހުން ނުރައްކަލުގެ ތެރެއަށް ފަސޭހައިން ދޫކޮށެއް ނުލާނެއެވެ. ޚާއްސަކޮށް އެކުގައި މަސައްކަތްކުރާ ސިފައިންނާއި އަޚުންނާއި އުޚުތުންނެވެ.
ބައިނަލްއަގުވާމީ އިތުރު މާހިރުންގެ އެހީތެރިކަން ލިބުމަކީ އުފަލާއެކު ބަލައިގަންނަ، އަގުހުރި ކަމެކެވެ. ނަމަވެސް، އޭގެ ސަބަބުން، ވާޖިބަށް ގޮވާލި ވަގުތު، ވަގުތުން އިޖާބަދިން އަދި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އަޑުވެސް އިވިފައިނުވާ އެތައް ސަތޭކަ ހާދިސާތަކަކަށް ކޮންމެ ދުވަހަކުވެސް އިޖާބަދެމުންދާ އެމް.އެން.ޑީ.އެފް ގެ މުވައްޒަފުން ދައްކުވައިދިން ހިތްވަރާއި، ފަންނީ ގާބިލުކަމާއި، އަދި ގުރުބާނީގެ އަގު އެއްވެސް ހާލެއްގައި ކުޑަވެގެން ނުވާނެއެވެ.
ސިފައިންނަށް ބަލާއިރު، ހާލަތު އުނދަގޫވުމުގެ ސަބަބުން ވާޖިބު އަދާކުރުން ހުއްޓައެއް ނުލެވެއެވެ. އަޅުގަނޑުމެންގެ ސިފައިން ހަމައެކަނި އެއްވެސް ނުރައްކަލެއް ނެތް ހާލަތްތަކުގައި އެކަނި އަމަލުކުރާނަމަ، އެއްވެސް ސަލާމަތްކުރުމުގެ އޮޕަރޭޝަނެއް، ކާރިސާތަކަށް އިޖާބަދިނުމެއް، އަދި ގައުމީ ޚިދުމަތެއް ނޯންނާނެއެވެ.
މިއަދު އަޅުގަނޑުމެން މި ހިތާމަކުރަނީ ވަކިވެދިޔަ ބަތަލަކަށްޓަކައެވެ. އޭނާގެ ހިތްވަރާއި، ގުރުބާނީއާއި، އަދި އެމީހުންނަށް ފުރިހަމައަށް އެނގޭ ނުރައްކާތަކާ އެކުގައިވެސް ހިދުމަތް ކުރަމުންދާ ޑައިވަރުންގެ އަޚުވަންތަކަމުގެ އަގު އަޅުގަނޑުމެން ވަޒަންކުރަމެވެ.
މާތްﷲ އެ މަރުހޫމަށް ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ މިންވަރުކުރައްވައި، އޭނާގެ އާއިލާއަށާއި، ރައްޓެހިންނަށާއި، އެކުގައި މަސައްކަތްކުރާ ސިފައިންނަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.
ނޯޓު: މިއަދު ކަނޑަށް ފޭބި 8 ޑައިވަރުންގެ ތެރެއިން 1 ޑައިވަރަކު އެންމެ މަތިވެރި ގުރުބާނީ ދެއްކެވި އިރު، ހަގީގަތާއި ވީގޮތް ނޭނގި، މިފަދަ ހީތަކާއި ނިންމުންތައް ނިންމުމުން އެންމެހާ ބޭފުޅުން ދުރުހެލިވުމަށް އަޅުގަނޑު އެދެމެވެ. މަދުވެގެން، މި ގައުމަށްޓަކައި ހުރިހާ އެއްޗެއް ގުރުބާންކުރި ސިފައިންގެ މީހާއަށް ކުރާ އިހުތިރާމަށްޓަކައި ނަމަވެސްމެއެވެ.