25/06/2026
ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާކަން މި ވުޒާރާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
މިކަން މި މަރުކަޒުގެ ސަމާލުކަމަށް އައުމާއެކު ވުޒާރާއިން މި ދަނީ ފުލުހުންނާ ގުޅިގެން މިކަން ހިނގާދިޔަ ގޮތާއި ޒިންމާވާ ފަރާތްތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މި ކަމުގައި ޒިންމާވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.
އުސްގެކޮޅާއި އުސްގެކޮޅު ހިމެނޭ ސަރަޙައްދުގައި މިވުޒާރާގެ ފަރާތުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢާ ގުޅިގެން އުސްގެކޮޅު ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން ވުޒާރާގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވީ ނަމަވެސް ކައުންސިލުން މިވުޒާރާއާއި މިތަން ޙަވާލުކޮށްފައިނުވެއެވެ.
އުސްގެކޮޅަކީ މީލާދީން 20ވަނަ ޤަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) (1903-1893) ޢިމާރާތްކުރެއްވި 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ގެކޮޅެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާއެވެ. އަދި 74 އަހަރު ކުރިން އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރު ހުޅުވުނީވެސް މި އިމާރާތުގައެވެ. މި އިމާރާތަކީ ރަނގަޅު ފެންވަރަކަށް ހެދިފައިވާ އެދުވަސްވަރުގެ ޢިމާރާތްކުރުމުގެ ފަރުމާ ވަރަށް ރަނގަޅަށް ދައްކައިދޭ ތަނެކެވެ. އުސްގެކޮޅު ފަދަ ތާރީޚީ ތަންތަނަށް ދެވޭ މިފަދަ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުން ތަނަށް ލިބުން އެކަށީގެންވެއެވެ.
އެހެންކަމުން، ޤާނޫނާއި ޤަވައިދުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ކަންކަން މި ވުޒާރާގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިވުޒާރާއިން ފަށާފައިވާ ވާހަކަވެސް ދަންނަވަމެވެ.