29/09/2026
އައްޑޫ ބަޔޮސްފިޔަރ ރިޒާވްގެ ތެރޭގައި ހިމެނޭ ޚާއްޞަ ސަރަޙައްދުތަކުގެ ތެރެއިން، ހުޅުދޫ އަދި މީދޫގެ 'މަތިކިޅި' ބަލަހައްޓައި އެ ތަނުގައި ނޭޗަރ ޕާކެއް ޤާއިމުކުރުމަށް ގްރީން ފަންޑުގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާޖީން ދޫކޮށްފައިވާ 3،363،885.00 (ތިން މިލިއަން ތިންލައްކަ ފަސްދޮޅަސް ތިންހާސް އަށްސަތޭކަ އަށްޑިހަ ފަސް ރުފިޔާ ) އަނބުރާ އެ މިނިސްޓްރީއަށް ޓްރާންސްފަރ ކުރުމަށް އައްޑޫ ސިޓީ ކައުންސިލަށް ވަނީ އަންގަވާފައެވެ.
އައްޑޫ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އައްޑޫ ކޮންޒަވޭޝަން ޓްރަސްޓް ފަންޑަށް ޖަމާކޮށްފައިވާ މި ފައިސާއަކީ 2022 ވަނަ އަހަރު ދޫކުރި 2،323،125.00 ރުފިޔާ އާއި 2023 ވަނަ އަހަރު ދޫކުރި 1،040،760.00 ރުފިޔާއެވެ. މި ފައިސާ އަނބުރާ ނެގުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ނިންމެވީ، ފަންޑު ދޫކުރިތާ 4 އަހަރު ވެގެން ދިޔައިރުވެސް މި މަޝްރޫޢުގެ ޢަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް، ފައިސާ ބޭނުންކުރެވިފައި ނުވާތީއެވެ.
މަތިކިޅިއަކީ ޤައުމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ، ޤުދުރަތީ އަދި ތިމާވެށީގެ ގޮތުން ނުހަނު މުހިންމު ތަރިކައެކެވެ. އެހެންކަމުން، މި ސަރަޙައްދު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ޢާންމުންނަށް ބޭނުންކުރެވޭނެ ފަދަ ވަސީލަތްތައް ޤާއިމުކޮށް، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންފާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ހުޅުދޫ އަދި މީދޫއަށް ވަކި އިދާރީ ކައުންސިލްތަކެއް އުފެދި، ލާމަރުކަޒީ އައު މަރުޙަލާއެއް ފެށިފައިވާ މި ދަނޑިވަޅުގައި، މި ފައިސާ އަނބުރާ މިނިސްޓްރީއަށް ގެންދިއުމުގެ ބަދަލުގައި، ހުޅުދޫ އަދި މީދޫ ކައުންސިލާ މި ފަންޑު ޙަވާލުކޮށްދެއްވުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް އިޙްތިރާމާއެކު ގޮވާލަމެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ އެކައުންޓުތަކުގައިވާ ހުޅުދޫއާއި މީދޫއަށް ލިބެންޖެހޭ އެހެނިހެން ފައިސާތައް ހޯދުމަށް މަސައްކަތްކުރަމުންދާ ފަދައިން، މި މަޝްރޫޢުގެ ފަންޑު ވެސް ހޯދުމަށް އެ ދެ ކައުންސިލުން އިސްނަންގަވައިގެން ވަކާލާތު ކުރެއްވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އެހެން ނޫންނަމަ، މި ސަރަޙައްދުގެ ތަރައްޤީއަށް ލިބެން އޮތް މިފަދަ އަގުހުރި ފުރުޞަތެއް ގެއްލިގެން ހިނގައިދާނެއެވެ.
Ministry of Climate Change, Environment and Energy, Maldives
Addu City Council
Addu Meedhoo Council
Addu Hulhudhoo Council